Monday, 24 November 2008

!އާސަރުކާރަށް މަރުހަބާ



އިލްޔާސް ހުސައިން އިބްރާހިމް.

ފަހެ، ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! 2008 ނޮވެމްބަރ 11 ވީ އަންގާރަދުވަހުން ފެށިގެން ހިނގަމުންދަނީ، ރައީސް ނަޝީދުގެ ސަރުކާރެވެ. އެމްޑީޕީ އިއްތިހާދުން އުފައްދާފައިވާ ސަރުކާރެވެ. މިއިއްތިހާދާއެކު އިތުރުފަސް ސިޔާސީ ޕާޓީއެއް ގުޅިފައިވެއެވެ. ނޮވެމްބަރ 25 އަށް އާސަރުކާރަށް ބަރާބަރު 15 ދުވަސްވާނެއެވެ. އަޅުގަނޑު މިމަޒްމޫނުގައި އަލިއަޅުވާލަން ބޭނުންވަނީ، އާސަރުކާރުގެ ފުރަތަމަ 7 ދުވަހަށެވެ. އަޅުގަނޑު ހިމެނިގެންވާ ރައްޔިތުންގެ އާސަރުކާރަށް ހިތުގެއަޑިން މަރުހަބާ ދަންނަވަމެވެ. ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެއަޑިން މަރުހަބާ ދަންނަވަމެވެ. އާސަރުކާރެއްގެ ފުރަތަމަ 7 ދުވަހަކީ، ވަރަށް މުހިންމު ދުވަސްކޮޅެކެވެ. ނާޒުކު ދުވަސްކޮޅެކެވެ. އަލަށް ދަރިޔަކު ލިބުމުންވެސް ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އިސްލާމް ދީނުގައި އަމުރުކުރެވިފައި އެބަހުއްޓެވެ. އަދި ދިވެހިންގެ ޒަމާންވީ ސަގާފަތުގައި އަށަގަނެފައި އެބަހުއްޓެވެ. އެއީކޮންމެހެން ވެސް ކުރަންޖެހޭ ކަންތަކެވެ. ފިތުރަތެވެ. ސުންނަތެވެ. ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަންތަކެވެ. އެކަންތައްތައް އޭގެވަގުތުގައި ކުރެވެމުންދާތަން ނުފެނިއްޖެނަމަ، ހިތްހަމަނުޖެހޭނެ އެތައްބަޔަކު ތިބޭނެކަން ކަށަވަރެވެ. އެއީ އެކަންވާނެ ގޮތެވެ.

ފަހެ، ދަންނާށެވެ! އާވެރިންތަކެއް އޮފީސްތަކަށް އައްޔަންކޮށް ލުމަކުން ފުދުނީކަމަށް އެއްގޮތަކަށްވެސް ދެކިގެން ނުވާނެއެވެ. އެވަރަކުން ނުފުދޭނެއެވެ. ފުރަތަމަ 7 ދުވަހުގެ ތެރޭގައިވެސް ބަދަލުތަކެއް ރައްޔިތުންނަށް ދެއްކެން ޖެހޭނެއެވެ. ރައްޔިތުން ބަލައިގަންނަ ގޮތަށް ޚިދުމަތްތަކެއް ފެންނަން ޖެހޭނެއެވެ. ރައްޔިތުންގެ ބާރުއޮތް ސަރުކާރެއްކަން ވީހާއަވަހަށް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެއެވެ. ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް ހަރަކާތަށް އަންނަތަން ފެންނަން ޖެހޭނެއެވެ. ތައުލީމީ ދާއިރާއަށް އަވަސް ބަދަލުތަކެއް ގެނެވޭތަން ފެންނަން ޖެހޭނެއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަށް ހެޔޮބަދަލުތަކެއް އަންނަތަން ފެންނަން ޖެހޭނެއެވެ. ސިވިލް ސާވިސްތެރެއިން ސިޔާސީކުލަތައް ވަގުތުން ކެނޑެން ޖެހޭނެއެވެ. އެގޮތަށް ކުރިންއެޅިފައި ހުރި ލިންކުތައް ވަގުތުން ކަނޑާލެވެން ޖެހޭނެއެވެ. ޕާޓީތަކުގެ މަސްލަހަތަށް ސިވިލް ސާވިސް ބޭނުންކުރެވިގެން އެއްގޮތަކަށްވެސް ނުވާނެއެވެ. ފަހެ، އިއްތިހާދުވެފައިވާ ޕާޓީތަކުގެ މަސްލަހަތަށް ސަރުކާރުގެ ސިޔާސީ އޮނިގަނޑު ރޭވެމުންދާއިރު، ރައްޔިތުންގެ ހައްގުގައި ފުރަތަމަ 7 ދުވަހުވެސް ކަންތައްތަކެއް ކުރެވެން ޖެހޭނެއެވެ. އެތެރޭގެ އިދާރީއޮނިގަނޑު ހަރުދަނާ ކުރެވެމުން ދާއިރު، އެކަމުގެ އަލާމާތްތައް އަވަސް ގޮތަކަށް ރައްޔިތުންނަށް ފެންނަން ޖެހޭނެއެވެ. ފަހެ، އެފަދަބައެއް ކަންތައް އަދިވެސްހުރީ އޮނިގަނޑު ރޭވުމުގެ ތެރެއަށްގޮސް ހުއްޓިފައެވެ. ފާޅުވާލެއް ލަސްވެފައެވެ. ރައްޔިތުންނަށް ރައްޔިތުންގެ ވިންދާ ގުޅިފައިހުރި ބައެއްކަންތައް ދިރެން ވެއްޖެއެވެ. މިހާރުފެންނަން ފަށަން ވެއްޖެއެވެ. ރައްޔިތުންގެ ސަރުކާރެއްކަން ރައްޔިތުންނަށް އިހްސާސްކުރެވެން ފަށާތަން ފެންނަން ވެއްޖެއެވެ. ގިނަދުވަހު ރައްޔިތުން އިންތިޒާރުގައި ބަލަބަލާތިބެން ޖެހުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެއީގޯހެކެވެ. ފަހެ، ރިޔާސީ ނިޒާމެއްގައި ރައީސުލް ޖުމްހޫރިއްޔާއަށް ރައްޔިތުން ބާރުތަކެއް އަރުވާފައި އޮވެއެވެ. ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލިސް ބާރެއްގެ ގޮތުގައި މުސްތަގިއްލުވެފައި އޮންނައިރު ޕާލަމެންޓްރީ ވަށްތަރަށް ކަންތައްތައް ބައްޓަން ވެގެން ދިޔަދީގެން ނުވާނެއެވެ.

ފަހެ، ދަންނާށެވެ! އެސްޓީއޯގެ ބޯޑުއުފެދިއްޖެއެވެ. އެސްޓީއޯގައި ކަނޑުދަތުރުކުރާ އުޅަދުފަހަރު އެބަހުއްޓެވެ. އެއްގަމު އުޅަދުފަހަރު އެބަހުއްޓެވެ. މާލޭގައިހުރި ގުދަންތަކުގައި ބައިވަރު ކާޑުގެބާވަތްތައް ޖަމާކުރެވިފައި އެބަހުއްޓެވެ. ސަރަހައްދީ އެކިހިސާބުގައި އެސްޓީއޯގެ ގުދަންތައް ހެދިފައި އެބަހުއްޓެވެ. ހަމައެކަނި އުނިވެގެން މިއުޅެނީ، 7 ދުވަހުގެ ތެރޭގައި ރާވާލަންޖެހޭ ކަމެއް ރާވާނުލެވި ލަސްވާކަމެވެ. ފަހެ، ދަންނާށެވެ! ފުރަތަމަ 7 ދުވަހުގެ ތެރޭގައި ސަރަހައްދީ ގުދަންތަކުން ރައްޔިތުންނަށް އަތްފޯރާފަށުގައި ކާޑުގެބާވަތްތައް ކުރިޔަށްވުރެ ހެޔޮއަގެއްގައި ލިބޭނެގޮތް ހަމަޖެއްސެން ޖެހޭނެއެވެ. މިއީ ރައްޔިތުންގެބާރު ރައްޔިތުންގެ ސަރުކާރެއްގައި ދެމެހެއްޓުމަށް އަޅަންޖެހޭ އެންމެމުހިންމު އެއްފިޔަވަޅެވެ.

ކެންޕޭނުގައި ވެވުނު ވައުދުތަކާ އެއްގޮތަށް 7 ދުވަހުގެ ތެރޭގައި ބައެއް ސިޔާސީކުއްވެރިން މިނިވަން ކުރެވެން ޖެހޭނެއެވެ. އޭގެ ތެރޭގައި ސަންދާނު އިބްރާހީމް ލުތުފީއާއި 3 ނޮވެމްބަރ އަބްދުﷲ ލުތުފީއާއި އެކިއެކި މުޒާހަރާގައި ބައިވެރި ވެގެންނާއި މުޒާހަރާތަކުގައި ބައިވެރިވުމަށް އައްޑުއަތޮޅުންނާއި ފާދިއްޕޮޅުން މާލެއައި ފަހުލަވާނުންގެ މައްސަލަތައް ވަގުތުން އަނބުރާ ގެނެވެން ޖެހޭނެއެވެ. ދައުލަތުގެ ބަންޑަރަ ނައިބަށް އެބާރު ލިބިގެންވެއެވެ. އަދި ތަހުގީގުގެ މަރުހަލާގައި އެފަދަގޮތަކަށް ތިބިމީހުން ދޫކޮށްލެވެން ޖެހޭނެއެވެ. މިދައްކަނީ ލާޖެހި ބޮޑެތި ވަގުންނާއި ކުޑަކުދިންނާބެހި ގޯނާކުރި ކުއްވެރިންގެ ވާހަކައެއް ނޫނެވެ. ފަހެ، ދަންނާށެވެ! މިއީ ރައްޔިތުންގެބާރު ރައްޔިތުންގެ ސަރުކާރެއްގައި ދެމެހެއްޓުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތަކެވެ.

މާލޭގެ ހޮސްޕިޓަލް ތަކުންނާއި ސަރަހައްދީ ހޮސްޕިޓަލްތަކުން ފުރަތަމަ 7 ދުވަހުތެރޭގައި ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކުޑަނަމަވެސް ބަދަލުތަކެއް ފެނިގެންދާން ޖެހޭނެއެވެ. އެއީމާއުނދަގޫ ކަމެއްނޫނެވެ. ބޭނުންވަނީ ރާވާލުމެއް އެކަންޏެވެ.

އަދުލް އިންސާފުގެބާރު މުސްތަގިއްލު ވެފައިވާއިރު، ހައްގުގެއްލިފައިވާ އާންމުފަރުދުންނާއި ޖަމާއަތްތަކުގެ ހައްގުހޯދުމަށް ހުށަހެޅޭ ހުރިހާމައްސަލަ ތަކެއް ވަގުތުން ބަލައިގަނެ އިންސާފުވެރި ޖަވާބެއް ދެވެން ޖެހޭނެއެވެ. އެހެންނުވާނަމަ އެކްޓިވިސްޓުންގެ މުޒާހަރާތައް ފެނިއަޑުއުފުލަން ޖެހޭނެއެވެ.

ސަރުކާރުގެ ހައިބަތު ރައްޔިތުންގެ ހިތުގައި އިންދައިދީ އަށަގަންނުވާއި ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް 7 ދުވަހުތެރޭގައި ރައްޔިތުންނަށް ފެނިގެންދާން ޖެހޭނެއެވެ. ރައްޔިތުން ހިތްހަމަޖެހި އުފާކުރާނީ އޭރުންނެވެ. ކުރީގެރައީސް މައުމޫނަށް ދައުލަތުގެ ނިޝާން ބޭނުން ކުރެވިގެން ނުވާނެއެވެ. ރައީސް މައުމޫނަށް ކުރެވޭ ޚަރަދުތައް ދެބައިކުޅައެއްބަޔަށް ދަށްކުރެވެން ޖެހޭނެއެވެ. ފަހެ، ދައުލަތެއްގައި ދެރައީސުންނަށް ނުތިބެވޭނެއެވެ. ރިޔާސީ ގަނޑުވަރު ތީމުގެ ބަލަހައްޓާ ބައެއްގެ ގޮތުގައި ދިވެހިންގެ ތެރޭގައި މަޝަހޫރުވެފައިވާ ނޭޕާލުގެ ގުރޫކާ ދަރިކޮޅުގެ ފޯހަށް ވީނުވީގޮތެއް އެނގެންޖެހެއެވެ. އެމީހުން ގެންގުޅުނީ ކޮންބައެއްތޯއާއި މިހާރުއެމީހުންތައް ކޮބައިތޯވެސް ބަލައިލަން އެބަޖެހެއެވެ. ރައްޔިތުންގެ ހިތްހަމަޖެހުމަށެވެ.

ރައްޔިތުންދިރި އުޅެމުންގެންދާ ފާދިއްޕޮޅު މާފިލާފުއްޓަކީ، މީހުންދިރިއުޅޭ ރަށެއްގެ ގޮތުގައި ފުރަތަމަ 7 ދުވަހުގެ ތެރޭގައި ހަމަޖެހެން ޖެހެއެވެ. އެރަށުގެ ރައްޔިތުންގެ ޝުއޫރުތަކަށް ފިނިކަމެއް ވީހާއަވަހަށް ގެނެސްދޭން ޖެހެއެވެ. ރައްޔިތުންގެ ވިންދުތަކާ ގުޅިފައިހުރި، މިކަހަލަވަރަށް މުހިންމު ކަންތައްތައް އެބަހުއްޓެވެ. މިހުރީހަތްދުވަހުގެ ތެރޭގައި ފަރުވާއަށް ބޭނުންވާ ކަންތަކެވެ. ރައްޔިތުންގެ ސަރުކާރެއްގައި މިފަދަ ލުއިފަރުވާތައް އަވަސްލިބުމަކީ، އެންމެމުހިންމު ކަންތަކެވެ. ރައްޔިތުންގެ ވިންދާގުޅިފައި ހުރި މިފަދަ ކަންތަކުގައި އަވަސްފިޔަވަޅު އެޅުމަކީ، ރައްޔިތުންގެ ބާރު ރައްޔިތުންނަށް ފުލްކޮށްލިބުމަށް އޮތްމަގެވެ. ރައްޔިތުންގެ ބާރުލިބިގެންވާ ސަރުކާރަކަށް ވުމަށް މަގުފަހި ވެގެންދާނެ ކަންތަކެވެ. އެމްޑީޕީ އިއްތިހާދުގެ އާސަރުކާރަށް މަރުހަބާއެވެ. ކުރިޔަށް އޮތީއުޖާލާ ދުވަސްތަކެއްކަން ކަށަވަރެވެ. އޭ! ﷲ އެވެ! ދިވެހި ދައުލަތުގެ އާސަރުކާރަށް ހުރިހާގޮތަކުން މަގުފަހި ކޮށްދެއްވާށިއެވެ! އާމީން!


3 comments:

  1. 3 november abdullah luthufee, a political prisoner. Ilyas, are you nuts! He was responsible for some killings in Male, if you have a short memory! Sandhaanu Luthfee can be released, but not this murderer!!

    ReplyDelete
  2. raavaalumeh ekanyey bunaa iru e rryvumaky kae kulhey kulhey ehchihi raaavaa hen raavaa ehcheh noooney.......

    adhi maa laheh nuvey....

    ReplyDelete
  3. abdulla luthfeege hageegaiy ingeynee eynayah minivan kamaa eku vaahaka dhekevey goiy veemaa eyna akee siyaasee meeheh. 3 november akee ves siyaasee kameh.

    ReplyDelete