ނިއު ދިވެހި އޮބްޒާވަރ
މައުމޫނުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކާއި ވެފައިވާ ޚިޔާނަތްތައް ބައްލަވާދިނުމަށް އެދި ގޮވާލާ މުޒާހަރާ ކުރަން ނިންމައިފި.
މައުމޫނުގެ 30އަހަރުގެ ދިގު ވެރިކަމުގައި ހިންގާފައިވާ ޖަރީމާތަކާއި ވެފައިވާ ޚިޔާނާތްތައް ބައްލަވައި ދެއްވުން އެދި މިއަދުގެ ރައީސް ނަޝީދުގެ ސަރުކާރަށް ގޮވާލުމުގެ ގޮތުން މުޒާހަރާއެއް ކުރުމަށް ޢާއްމުންގެ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ނިއު ދިވެހި އޮބްޒާވަރަށް އެފާރާތުން ކަށަވަރު ކޮށްދީފިއެވެ. އެފަރާތުން ހާމަ ކުރައްވާ ގޮތުގައި ރައީސް މައުމޫނުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ނުބައްލަވާ، ދަޢުލަތުގެ ޚަޒާނާއަށް ވެފައިވާ ޚިޔާނަތްތައް ނުބައްލަވާ، މިއަދުގެ ސަރުކާރުން މައުމޫނުގެ އަނިޔާވެރިކަން ހިންގަން ތިބި މީހުންނާއެކު ސަރުކާރު ހިންގަން އުޅުއްވާނަމަ، މިސަރުކާރަކީ ވެސް ކުރީގެ ޚުދުމުޚުތާރު އަނިޔާވެރި ސަރުކާރަކަށް ވުމުގެ ފުރުޞަތު އެބައޮތެވެ. އަދި މަރުޙޫމް އިބްރާހިމް ނާޞިރާމެދު މިއަދުވެސް އެތައްބަޔަކު ނުރުހުން ފާޅުކުރަންޖެހެނީ މައުމޫނުގެ ސަރުކާރުން އެމީހުންނަށް އިންސާފު ހޯދަ ނުދެވުނީމަ ކަމަށާއި މައުމޫނުގެ ސަރުކާރުން އެކަމާ ޒިންމާ އުފުއްލަން ޖެހޭނެ ކަމަށާ މީގެ އިތުރުން ފާޅުކަން ބޮޑުގޮތެއްގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކަށް މިއަދުގެ ސަރުކާރުން އިންސާފު ހޯދަ ދޭންޖެހޭނެކަމަށް ޤަބޫލު ކުރާކަމަށް އެފަރާތުން ހާމަކުރެއެވެ. މަރުޙޫމް ޙުސައިން ޞޮލާޙަކީ މީގެ ސާފު ސީދާ ހެއްކެއްކަމާ، އޭނާއަކީ ދަޢުލަތުގެ ޙިމާޔަތުގައި ވަނިކޮށް މަރާލާ މޫދަށް އެއްލާލި މީހެއްކަމާ، މައުމޫނުގެ މުޅި ސަރުކާރުން މިކަން ސިއްރުކުރުމަށް ހެދި ދޮގޮތަކަކީ އާދައިގެ ވަކި ފަރުދަކަށް ބެލޭނެ ކަމެއްނޫންކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި ވަރަށް ޚާއްޞަކޮށް ޙުޞައިން ޞަލާޙުގެ މަރުގެ ތުހުމަތު އެޅިފައިވަނީ ދިވެހި ދަޢުލަތުގައި ކަމުން މިކަން އަލުން ތަޙުޤީޤް ކޮށް ޙުސައިން ޞޮލާޙުގެ ޢާއިލާއަށް އިންސާފު ހޯދަދިނުމުގެ ބޮޑު މަސްއޫލިއްޔަތު އެޅޭ ފަރާތަކީ މިއަދުގެ ދިވެހި ސަރުކާރު ކަމަށް ޔަޤީން ކުރާކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި މިއީ މިފަދަ އެންމެ ޙާދިޘާއެއް ނަމަވެސް މިފަދަ އެތައް ޙާދިޘާއެއް އެބަހުރިކަމަށް އެފަރާތުން ޔަޤީންކުރެއެވެ.
ރައީސް ނަޝީދުވިދާޅުވާ ހެޔޮވެރިކަން މިޤައުމުގައި އުފެއްދޭނީ މި ދިވެހި ދަޢުލަތުގެ ޚަޒާނާއިން ވައްކަންކުރި ވަގުން ހޯދައިގެން ކަމަށާއި އެއީ ފަހަތަށް ބެލުންކަމަށް ނުދެކޭ ކަމަށާ ކުރިޔަށް ދިއުމަށް މިއަދު މަގުގައިވާ ހުރަސްތަކަކީ މިބައިމީހުންކަމަށާ މިހުރަސްތައް ނައްތާލަން އެބަޖެހޭ ކަމަށް ޤަބޫލުކުރާތީ މިކަންކަމަށް ގޮވާލުމަށް ނުކުންނަނީ ކަމަށް އެފަރާތުން ހާމަ ކުރެއެވެ.
މިގޮތުން ކުރާ މުޒާހަރާ ކުރަން މިހާރު ވިސްނާފައިވަނީ މި އަންނަ ހުކުރު ދުވަހު (5-12-2008) ކަމަށާ މިކަން އިންތިޒާމް ކުރަމުންދާއިރު މިކަމާބެހޭ މަޢުލޫމާތު އެކި ސިފައިގައި ރައްޔިތުންނަށް ފޯރު ކުރަމުން ގެންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ. މި މުޒާހަރާގައި ތެދުވެރި ކަމާއެކު މި އިޞްލާޙަށް މަސައްކަތްކުރި އެންމެހާ އިޞްލާޙީން ބައިވެރިވެދެއްވުމަށް އެފަރާތުން ގޮވާލައްވައެވެ.
|